ފަޅު ފެމުނު މިޔަރު
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/4/4a/Negaprion_acutidens.jpg/220px-Negaprion_acutidens.jpg)
ފަޅު ފެމުނު ނުވަތަ ފަޅު ފެމުނު މިޔަރު (އިނގިރޭސި ބަހުން: Negaprion acutidens)ނުވަތަ (އިނގިރޭސި ބަހުން: Sicklefin lemon shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ބަރު ބުރަހެލި މިޔަރެކެވެ. އަދި މިއީ ރާއްޖޭގައި މާގިނައިން އުޅޭ މިޔަރެއް ނޫނެވެ. މިއީ އޭގެ މަހާއި، އަނގަޔާއި، ބޮޑެތި އުރަހަ ތަކުގެ ބޭނުން ހިފޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އާންމު ގޮތެއްގައި އުޅެން ބޭނުންވަނީ ފުންވިލު ގައެވެ. އާންމު ގޮތެއްގައި އުޅެނީ 30 މީޓަރަށްވުރެ ތިލަ ހިސާބު ތަކުގައެވެ. މިއީ އަޑީގައި އުޅޭއިރު ބިރުގަންނަ ފާނޑަކަށް ފެންނަ މިޔަރެއް ކަމުން މަސްވެރިން މިބާވަތުގެ މިޔަރަށް ފަޅު ފެމުނު އޭ ކިޔައި އުޅެނީ ކަމަށް ގަބޫލު ކުރެވެއެވެ. މިއީ އަޑީގައި އުޅެނިކޮށް ގޯނާކޮށްފިނަމަ ޙަމަލާދީފާނެ މިޔަރެކެވެ. ފަޅު ފެމުނުގެ އުރަހަ އަކީ ރަަގަޅު އަގު ލިބޭ އުރަހަ އެކެވެ.
ފަޅު ފެމުނުގެ ތުން ކުރުވެފައި ފުޅާވާނެއެވެ. އުރަހަތައް ވެސް ބޮޑުވާނެއެވެ. އަދި އުރަހަތައް ހުންނަނީ ކޮޅަށް އޫކޮށެވެ. މިބާވަތުގެ މިޔަރުގެ ކުލައަކީ ދޮން މުށި ކުލައެވެ. އަދި މިއީ ގާތްގަނޑަކަށް 3.1 މީޓަރަށް ބޮޑުވާ މިޔަރެއްކަމަށް ވަނީ ބެލެވިފައެވެ. މިމިޔަރުގެ ކާނާއަކީ އަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ މަހެވެ. މީގެ ތެރޭގައި ކަށި ކޮއްޔާއި، ނަރުނަގޫ މަޑި ވެސް ހިމެނެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 1އާއި 13 އާއި ދެެމެދުގެ އަދަދަަކަށް ޅަމިޔަރު ވިހައެވެ. އަދި ވިހާ ޅަމިޔަރުގައި 80-45 ސެންޓިމީޓަރާއި ދެމެދުގެ ދިގުމިން ހުރެއެވެ.